ބާވަތާއި ކެޓަގަރީ
 ދަތުރުފަތުރާއި ފަތުރުވެރިކަން
 ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހިންގާ، ރާއްޖޭގެ އެންމެ އިސް ވައިގެ ބަނދަރު އޮޕަރޭޓަރެވެ. މި ކުންފުންޏަކީ ސަރުކާރުގެ 100% ހިއްސާ އޮންނަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޑިރެކްޓަރުންގެ ބޯޑަކުން ހިންގާ ޒިންމާ އޮތް ކުންފުންޏެކެވެ. މެކްލްގެ ކޯޕަރޭޓް އޮފީސް ހުންނަނީ ދިވެހިރާއްޖޭގެ ހުޅުލޭގައެވެ.

މެކްލް އުފެދިގެން އައީ ކުރީގައި ހުޅުލޭ އެއަރޕޯޓް ހިންގުމުގެ ޒިންމާ އުފުލަމުން އައި އެކި ސަރުކާރު އިދާރާތަކުގެ ތެރެއިންނެވެ. ހުޅުލޭ އެއަރޕޯޓް ހުޅުވުނީ 1966 ވަނަ އަހަރުގެ އޭޕްރިލް 12 ވަނަ ދުވަހުއެވެ. އަދި ހުޅުލޭ އެއަރޕޯޓް ހިންގުމަށް ސަރުކާރުން އެއަރޕޯޓް އޮފީހެއް އުފެއްދިއެވެ. އޭގެފަހުން ހުޅުލޭ އެއަރޕޯޓް ވަނީ އެކި ތަރައްޤީގެ މަރުހަލާތަކުން ކުރިއަރައިގޮސްފައެވެ. އަދި 1981 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް (އެމް.އައި.އޭ) ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުވުނެވެ. މި ބަނދަރުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވުނެވެ. އަދި އެއަރޕޯޓް އޮފީހުގެ ބަދަލުގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ އުފެދުނެވެ.

އެމް.އައި.އޭ އަށް އައި ހަލުވި ކުރިއެރުމާއެކު، އެއަރޕޯޓް ހިންގުމަށް ވިޔަފާރި އުސޫލުން ހިންގާ ވަކި ޖަމާޢަތެއްގެ ބޭނުން ޖެހިފައިވާކަން ފާހަގަކުރެވުނެވެ. އެހެންކަމުން، 1994 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު، ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެމް.އޭ.އޭ ވަކި ވިޔަފާރި ޖަމާޢަތެއްގެ ގޮތުގައި ސަރުކާރުން ވަކިކުރިއެވެ. އަދި އޭގެ ފަހުން، 2000 ވަނަ އަހަރުގެ އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން އެމް.އޭ.އޭ ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މެކްލް) ގެ ނަމުގައި ޒިންމާ އޮތް ކުންފުންޏެއްގެ ގޮތުގައި އުފެދިފައެވެ.